
ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް، މެންބަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެވެ. އެގޮތުން ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ހިޔާލުފުޅެވެ.
ހޯމް މިނިސްޓްރީގެ ޕޯޓަލްއެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްގެ ރައީސްގެ އިތުރުން ދެން އިންތިހާބު ކުރާ ދެ ކައުންސިލަރުންގެ ތެރެއިން ނައިބު ރައީސްއަކީ ކާކުކަން ރައްޔިތުންނަށް އިންތިހާބު ކުރެވިދާނެ ކަމަށެވެ.
އޭގެ އިތުރުން 3،000 އަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގެ ކައުންސިލަރުންގެ އަދަދުގެ ގޮތުގައި އެމަނިކުފާނުގެ ހުށަހެޅުއްވުމަކީ ފަހެކެވެ.
އެއާއެކު އިދިކޮޅު އެމްޑީޕީގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
އެ ގާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ.
ނަމަވެސް ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ ކައުންސިލަރުން މަދުކުރުމަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގަރާރަށް ބަހުސްކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ ކައުންސިލަރުން ގިނަވުމާއި، ކައުންސިލަރުންގެ މުސާރަ ބޮޑުވުމުގެ ޝަކުވާ ކުރާއިރު އެ ކަން މާ ބޮޑު ކަންބޮޑުވުމަކަށް ވާންވީ ތަން ސަރުކާރުގެ އަަމަލުތަކުން ނުފެންނަ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރަށްވުރެ އިތުރަށް 400 މިލިއަން ރުފިޔާ ހޭދަކޮށް، މިހާތަނަށް މިއަހަރު، މުސާރައާއި އިނާޔަތްތަކަށް ހަ ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ "ޕަޕެޓް ހައުސް"އެއް ކަމަށާއި، މިހާރު އަނެއްކާ ވެސް ރައީސް މަސައްކަތްކުރައްވަނީ ލާމަރުކަޒީ ނިޒާމަށް އެ މަނިކުފާނު ގެންނަން ބޭނުންވާ "ހުދުމުހުތާރު" ހިޔާލުފުޅުތަކަށް މަޖިލީހުގެ ތާއީދު ހޯދުމަށް ކަމަށެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ރަށެއްގައި ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަސް މެމްބަރުން ތިބުމަކީ ބަޔަކު އަޖައިބުވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށާއި ކުދި ރަށްރަށުގައި ވެސް ކުރަން ބައިވަރު ކަންކަން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުސާރަ ބޮޑުވެގެން ވާހަކަ ދައްކަނީ ނިޒާމު ފުނޑާލައި ބާރުތައް އަތަށް ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްދުގައި ޝުޖާއު ވިދާޅުވީ މިވަގުތު އުފައްދަން ޖެހޭ ސުވާލަކީ ރަށުގެ ރައްޔިތުން އައްޔަންކުރާނީ އެކަކުތޯ ނުވަތަ ދެ މީހުންތޯ އުފެދޭ ސުވާލު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުތަކުގައި އޮންނަ ސިވިލް އޮނިގަނޑު އިސްލާހު ނުކޮށް އެ ނިޒާމު އިސްލާހު ނުކުރެވޭނެ އެވެ.
ކައުންސިލަރުންގެ އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކޮށްފައި އޮއްވައި އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އެ އަދަދު ބޮޑު ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ އިސްލާހާ އެކު ކައުންސިލަރުންގެ މުސާރަ ވެސް އޭރު ބޮޑު ކުރި އެވެ.