
ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުރަމުންދިޔަ މަސައްކަތުން ވަގަށްފައިވާ ތަކެތި ހޯދާފައިވަނީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައިވަނިކޮށްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއްތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށްކަމަށާއި ދެންހުރި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުންކަމަ\ށް ފުލުހުން ބުނެއެވެ.
ވަގަށް ނަގާފައިވާ ތަކެތި ހޯދާ އޭގެ ވެރި ފަރާތާއި ހަވާލުކުރީ މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރުގެ ތެރޭގައިކަމަށް ފުލުހުން ބުނެއެވެ.
އެސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފަިކަމަށް ފުލުހުން ބުނެއެވެ. ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިންގ ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެއްކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާ ގުޅިގެން ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.