
ބިން ހަވާލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވި އެވެ. އަދި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވި އެވެ.
މި މަޝްރޫގެ އެންމެ ބޮޑު ބޭނުމަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދޭ ތަކެތި އުފެއްދުމާއި އަދި ރާއްޖޭގައި އާލާކުރަން ބޭނުންވާ ބައެއްތަކެތި މި ތަނުގައި ހެއްދުންކަމަށެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން މޭވާއާއި އާންމުކޮށް މީހުން ކައިއުޅޭ ތަކެތި ހެއްދުމަށް އިސްކަން ދެވިގެންދާނެކަމަށާއި މީގެ ސަބަބުން އެރަަށްވެސް ވަރަށް ބޮޑުފައިދާއެއް ކުރާނެކަމަށެވެ.
ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ ފުޑް ސެކިއުރިޓީ މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފައްދާމިންވަރު އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ.
ކޮނޑޭގައި ފުޑް ސެކިއުރިޓީގެ މަޝްރޫއެއް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.