ads
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
މަހާޒުގެ އިންޒާރު އޭސީސީއަށް: ގާނޫނާ ހިލާފުވުމުން ދައްކަންޖެހޭނެ އަގު ބޮޑުވާނެ
ގާނޫނުގަ ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށާއި އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
Advertisement

ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މަހާޒް މިހެން ވިދާޅުވީ، މަހާޒްއާއި، ސުއޫދު އަދި އަޒްމިރާލްދާއާ ގުޅޭ ގޮތުން އޭސީސީން ތަހުގީގު ކުރަން ފެށި ޖިނާއީ ކުށުގެ މައްސަލަތައް އަދިވެސް ނުނިމޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ހަބަރަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މިއަދު ލިޔުއްވި ޕޯސްޓެއްގައެވެ.

މަހާޒް ވިދާޅުވީ، ތިން މަސް ވެގެން ދިޔައިރު، ސުވާލުކޮށް ނުލާ މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުމެއް ނޫން ކަމަށެވެ. އަދި ގާނޫނުގައި ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށާއި އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެ ކަމަށް މަހާޒް ވިދާޅުވިއެވެ.

ތިން މަސްދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު ސުވާލުކޮށް ނުލާ މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުމެއް ނޫން. ގާނޫނުގަ ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން. އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެ. އޮޔާއި ވައި ބަދަލުވާ ވަގުތާއި އެކަންކަމުން ނުކުންނަ ނަތީޖާ އެންމެނަށް ވެސް އެނގޭ.

ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް އެ ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި މަހާޒް ކުރިންވަނީ ވިދާޅުވެފައެވެ. މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ. އޭނާ އޭގެކުރިން 2012 އިން ފެށިގެން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި އެތައް މައްސަލައެއް އޭނާ ނިންމެވި އެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް