
ސަސްޕެންޑްކޮށްފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކެއްޓްރީ ދާއޫދު އަހްމަދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައިވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޮމިޝަނަށް ދޮގު ބަޔާން ދީފައިވަނީ ޔުމްނު ވެއްޓުން ހާދިސާއާ ގުޅިގެން ސަރުކާރުގެ އެއްވެސް ފަރާތަކާ މުއާމަލާތްކޮށްފައި ނުވާނެ ކަމަށް ބުނެ ކަމަށާއި އެހެންނަމަވެސް އެކި ފަހަރު މަތިން ސީދާ ހޯމް މިނިސްޓަރު އިހްސާނުއާއި ދާއޫދު މުއާމަލާތްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނުގެ ރިޕޯޓުގައިވަނީ، ރައުދު އެކޭ އެއްވަރަށް، ދާއޫދުވެސް ޔުމްނު ވެއްޓުނު ވެއްޓުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް އަންގާފައިނުވާތީ އެކަމުގައި އިހުމާލުވީ ކަމަށް ދެކޭ ކަމަށް ބުނެފައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.