
ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އިއްޔެ އެމްޑީޕީއަށް ގުޅުމަށް ނިންމުމާއެކު ފަލާހު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ލިބޭނެކަމަށް ފަލާހު ވިދާޅުވިއެވެ.
ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފެއްދީ މިދިޔަ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި އޮއްވައެވެ. މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވުމަށްފަހުގައެވެ. ޖުލައި 13، 2023ގައި ނަޝީދު ވަނީ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެފައެވެ. ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އިއްޔެ ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމާފައެވެ. ހަމައެއާއެކު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.