
އިސްރާއީލުން "އޮޕަރޭޝަން ރައިސިން ލަޔަން" ގެ ނަމުގައި އީރާނުގެ ނިއުކްލިއަ ފެސިލިޓީތަކާއި މިލިޓަރީ އިންފްރާސްޓްރަކްޗާ އަދި މުހިންމު މީހުންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކަށް އީރާނުން ރައްދު ދެމުންދަނީ އިސްރާއީލަށް ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯން ހަމަލާތައް ދީގެންނެވެ.
އިސްރާއީލާއި އީރާނު ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެޔޮ އަގު ބޮޑުތަނުން މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މި ޖޫން މަހުގެ 13، ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށުމާއެކު، ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 68 ޑޮލަރުން 78.50 ޑޮލަރަށް އަރާފައިވެއެވެ. މިއީ ޖެނުއަރީ 27 އަށްފަހު ފެނުނު އެންމެ މަތީ އަގެވެ. ހަފުތާއެއްގެ ތެރޭގައި ތެލުގެ އަގު 12.5 ޕަސަންޓު މައްޗަށް ގޮސްފައިވާއިރު، ޖޫން 17 ގައި ތެލުގެ އަގު ހުރީ ފީފައަކަށް 76.45 ޑޮލަރުގައެވެ.
ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގުވެސް ބޮޑުތަނުން މައްޗަށް ގޮސްފައިވެއެވެ. ހަނގުރާމަ ފެށުމުގެ ކުރިން ފީފައެއް 65-68 ޑޮލަރުގައި ހުރި އިރު، ޖޫން 13 ގައި 77.62 ޑޮލަރަށް އަރާފައިވެއެވެ. ޖޫން 17 ގައި މި އަގު ހުރީ 74.84 ޑޮލަރުގައެވެ. އަގު މަތިވުމުގެ މައިގަނޑު ސަބަބަކީ ހޯމުޒް މެދުވެރިކޮށް ދުނިޔޭގެ ތެޔޮ ސަޕްލައިގެ 20-25 ޕަސަންޓު އެތެރެކުރެވޭތީ، މި ސަރަހައްދުގައި ހިނގާ ހަނގުރާމައިގެ ސަބަބުން އެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތުމެވެ.
އިސްރާއީލަށް ނިސްބަތްވާ އާގު ބޯޓަކަށް ހެލިކޮޕްޓަރެއްގައި ޙޫޘީ ހަނގުރާމަވެރިން އަރަނީ
އެނަލިސްޓުން ބުނާ ގޮތުގައި ހަނގުރާމަ އިތުރަށް ގޯސްވެ، އީރާނުން ހޯމުޒްގެ މަގުތައް ބަންދުކޮށްފިނަމަ ތެޔޮ އަގު ބެރަލަކަށް 90-120 ޑޮލަރަށް އަރައިގެން ދާނެއެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ޕެޓްރޯލް އަގު މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާގައި ގޭހުގެ އަގު ގެލަނަކަށް 10-25 ސެންޓު މައްޗަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ދުނިޔޭގެ ތެލުގެ ސްޓޮކް އިތުރުވެފައިވާއިރު، ޖުލައި މަހު އޯޕެކް+ އިން ތެޔޮ އުފެއްދުން 411،000 ބެރަލް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހަނގުރާމަ ގޯސްވެއްޖެނަމަ ތެޔޮ އަގު އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ސްޕެޝަލިސްޓުން ބުންޏެވެ.
މި ހަނގުރާމަ ސަބަބުން އީރާނުން ހޯމުޒްގެ ދަތުރުފަތުރު ބަންދުކޮށްފާނެކަމުގެ ބިރު އުފެދިފައިވާއިރު، މިއީ ދުނިޔޭގެ ތެޔޮ ސަޕްލައިއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
އޭގެ އިތުރުން ހޫތީން އީރާނުގެ ފަރާތުން ލިބޭ އެހީއާއެކު ރެޑް ސީގައި ދަތުރުކުރާ މަތިންދާބޯޓުފަހަރަށް ހަމަލާދެމުން ދާތީ، ދުނިޔޭގެ ވިޔަފާރިއަށް އިތުރު ހުރަސްތަކެއް އެޅޭނެކަމަށް ފެނެއެވެ. މި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިންފްލޭޝަން އިތުރުވެ، އިގްތިސާދީ ހަލަބޮލިކަން ބޮޑުވުމުގެ ރިސްކް ވަރަށް ބޮޑެވެ.
ހަނގުރާމައިގެ ގެއްލުންތައް އިތުރުވަމުން ދަނީ ދެފަރާތުގައި ވެސް އާންމުރައްޔިތުން މަރުވާ އަދަދު ގިނަވަމުންނެވެ. އީރާނުގައި މިހާތަނަށް މަދުވެގެން 224 މީހުން މަރުވެފައިވާއިރު، 1,277 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެއެވެ. އިސްރާއީލުގައި މަދުވެގެން 24 މީހުން މަރުވެފައިވާއިރު، ސަތޭކަ އަކަށް މީހުން ހާލުގައި ޖެހިފައިވެއެވެ. މި ސަރަހައްދަށް އެމެރިކާގެ ބޯޓުފަހަރާއި މިލިޓަރީ ހަތިޔާރުތައް ގެނެސްފައިވާއިރު، ޔޫއެސް ޕްރެޒިޑެންޓް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އެމެރިކާގެ ބާރުތަކަށް ހަމަލާ ނުދިނުމަށް އިންޒާރު ދީފައެވެ.