ads
އީފާސް
260،000 އަށްވުރެ ގިނަ ދިވެހިން އީ-ފާސް ބޭނުންކުރަން ފަށައިފި
ޖުމްލަ 260،000 އަށްވުރެ ގިނަ ދިވެހިން އީ-ފާސް ބޭނުންކުރަން ފަށައިފިކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
Advertisement

ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ހިޔާލު ހޯދުމަށް ބޭއްވި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތުގެ ސަލާމަތް ކަށަވަރުކުރުމަށް ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް މިނިސްޓަރު ބުންޏެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ކޮންމެ ހިދުމަތެއްވެސް އޭގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ފޯރުކޮށްދިނުން. އަދި ޑިޖިޓަލް ހިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން،" މިހެން ޑރ. ކިނާނަތު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ކިނާނަތު ވިދާޅުވިއެވެ. މީގެ ތެރޭގައި ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި ސައިބާ ސެކިއުރިޓީ ބިލު މިހާރު ބަނޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، "މޯލްޑިވްސް 2.0" ބިލާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބިލުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ކިނާނަތު ވިދާޅުވިއެވެ. ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ހިޔާލު ހޯދުމަށް ބޭއްވި ވޯކްޝޮޕްގައި ކަމާ ބެހޭ އިދާރާތަކުގެ 90 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް