
ދުބާއީގައި ކުރިޔަށް ގެންދިޔަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ދަރިމައިވުމާ ގުޅޭ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ދަތިކަން ރާއްޖޭގައި ދިމާވެފައިވާ ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ދިވެހި ޑޮކްޓަރުންނަށް އެ ދާއިރާއިން ސްކޮލާޝިޕްތައް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މެޑަމް ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމަށް ޝައުގުވެރިކަން ހުރި ކަމަށެވެ.
ފަސްޓް ލޭޑީ ސާޖިދާ ވަނީ މީގެ ކުރިން އެ ފައުންޑޭޝަނާ ގުޅިގެން ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި ޖިންސީ ތަފާތުކުރުންތަކާ ގުޅޭ އަނިޔާ އާއި އަންހެނުން ބާރުވެރިކުރުވުމާއި ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފުސާނީ ސިއްހަތާއި ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށް މި ތަގުރީރުގައި ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ހަމަ މިއާއެކު އެ ކަމަނާ ވަނީ، ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަޓެންޝަން ފަދަ ބަލިތަކާއި، އެ ފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައް ވެސް، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވައިފަ އެވެ.
އަދި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން، އެ ޕޮލިސީތައް ތައާރަފުކުރުމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.