
ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައިވެސް ހުރި ދާއޫދު އަހުމަދު ރައީސް އޮފީހުގެ މަގާމުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރީ ޔުމްނު ވެއްޓުނު މައްސަލަ ފެންމަތިވުމާއި އެކު ސަރުކާރަށް ފާޑިކިޔުންތައް އަމާޒުވުމުންނެވެ. އަދި ދާއުދޫ މަސްތުވާ އެއްޗިއްސާއެކު ޕާޓީ ކުރާ ފޮޓޯތަކެއްވެސް އޭރު އާއްމުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު މަގާމުން ވަކިކޮށްފައިވާކަމަށެވެ.
ދާއޫދު އަހްމަދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައިވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޮމިޝަނަށް ދޮގު ބަޔާން ދީފައިވަނީ ޔުމްނު ވެއްޓުން ހާދިސާއާ ގުޅިގެން ސަރުކާރުގެ އެއްވެސް ފަރާތަކާ މުއާމަލާތްކޮށްފައި ނުވާނެ ކަމަށް ބުނެ ކަމަށާއި އެހެންނަމަވެސް އެކި ފަހަރު މަތިން ސީދާ ހޯމް މިނިސްޓަރު އިހްސާނުއާއި ދާއޫދު މުއާމަލާތްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނުގެ ރިޕޯޓުގައިވަނީ، ރައުދު އެކޭ އެއްވަރަށް، ދާއޫދުވެސް ޔުމްނު ވެއްޓުނު ވެއްޓުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް އަންގާފައިނުވާތީ އެކަމުގައި އިހުމާލުވީ ކަމަށް ދެކޭ ކަމަށް ބުނެފައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.