
ރައީސް އޮފީހުން ބުނީ އެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ރައީސް މިއަދު ވަޑައިގަތް ކަމަށެވެ. އެ ޒިޔާރަތުގައި މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި، އެ ކަމާގުޅޭ މައުލޫމާތު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ.
އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުންނަށް 4000 ޕްލެޓް ސްކީމުން ފްލެޓް ނުލިބޭނެކަން ހައުސިން މިނިސްޓްރީން މިއަދު ވަނީ އަންގަން ފަށައިފަ އެވެ. މި ސަރުކާރުގެ އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުމެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން އެފްޑީސީއާ ހަވާލުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ.