މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ތޮއްޑޫގެ މަގެއްގެ މަތިންނެވެ. ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް އެއް އަހަރުގެ ފިރިހެން ކުޑަކުއްޖެއްގެ ގައިގައި ޖެހުމުން އެ ކުއްޖާ މަގުމައްޗަށް ވެއްޓުނެވެ. އެކްސިޑެންޓުގައި އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ހާމައެއް ނުކުރެއެވެ.
މި އެކްސިޑެންޓުގެ ސީސީޓީވީ ފޫޓޭޖް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑިއޯގައި ފެންނަ ގޮތުން، ކުއްޖާ މަގުމަތިން ބަޔަކާއެކު ދަނިކޮށް ބާރު ސްޕީޑުގައި އައި ސައިކަލެއް ޖެހި މަގުމައްޗަށް ވެއްޓުނެވެ. އެ ސައިކަލުގައި ތިބީ ދެ މީހުންނެވެ. ކުއްޖާ ވެއްޓުނު ހިސާބަށް ސައިކަލު އަނބުރާލި ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ފިރިހެނަކު ވަނީ ކުއްޖާ ނަގައިގެން ގޮސްފައެވެ.