ads
މިމަހު ކުރީކޮޅު މެލޭޝިޔާއަށް ދަތުރުކުރި ރޮހިންޔާ މުސްލިމުންތަކެއް ބޯޓެއްގައި -- ފޮޓޯ: އަލްޖަޒީރާ
ބަންގްލަދޭޝްއަށް ނުވެއްދުމުން ރޮހިންޔާ މުސްލިމުންތަކެއް ކަނޑުމަތި ވެއްޖެ
މެލޭޝިޔާއަށް ވަނުން މަނާކޮށް ފޮނުވާލި 500 އެއްހާ ރޮހިންޔާ މުސްލިމުންތަކެއް، ބަންގްލަދޭޝް އަށްވެސް ވަނުން މަނާ ކުރުމުން ކަނޑުމަތި ވެއްޖެ އެވެ.

އަލް ޖަޒީރާއިން ބުނާ ގޮތުގައި 500 އެއްހާ ރޮހިންޔާ އަންހެނުންނާއި، ކުޑަކުދިންނާއި ފިރިހެނުން ބޭ އޮފް ބެންގާލްގައި މަސްބޯޓެއްގައި ތާށިވެފަ އެބަތިއްބެވެ. އަދި މި މީހުން ބަންގްލަދޭޝްއަށް އެރުވުމަށް އެގައުމުގެ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ވިދާޅުވެފައި ވަނީ އެމީހުންނަކީ ބަންގްލަދޭޝްގެ ޒިންމާއެއް ނޫން ކަމަށެވެ. 

"މި މީހުން ވެއްދުމަށް ދެކޮޅު ހަދާ ސަބަބަކީ އެހެން ގައުމުތަކުގެ ޒިންމާނަގަން އަބަދުވެސް ބަންގްލަދޭޝް ގާތު އަހަމުންދާތީ. ދެން އިތުރު ރޮހިންޔާ މީހުންނެއް އަހަރެމެންނަށް ނުވެއްދޭނެ،" މޮމެން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވެއެވެ.

މިމަހުގެ މެދުތެރޭގައި ވެސް ކަނޑުމަތިވި 300 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްގެ ކޯސްޓް ގާޑުން ވަނީ ސަލާމަތްކޮށް އެގައުމަށް ވައްދާފަ އެވެ. 

މިއަދު ހިޔުމަން ރައިޓްސް ވޮޗް އިންވެސް ވަނީ ކަނޑުމަތިވެފައިވާ މި ރެފިޔުޖީން ވެއްދުމަށް ބަންގްލަދޭޝްއަށް ގޮވާލާފެ އެވެ.

"މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކަށްފަހު ބަންގްލަދޭޝްއިން ވަނީ ވަރަށް ބޮޑު ބުރައެއް އުފުއްލާފަ. ނަމަވެސް މިއީ ބޯޓުތަކެއްގައި ތިބި ރެފިޔުޖީންތަކެއް ކަނޑަށް ކޮއްޕާލަންވީ ސަބަބެއް ނޫން" އެޖަމިއްޔާގެ އޭޝިޔާ ބައްރުގެ ޑިރެކްޓަރު ބްރެޑް އެޑަމްސް މިއަދު ވިދާޅުވި އެވެ.

އދ. ގެ ރެފިޔުޖީ އޭޖެންސީ ޔޫއެންއެޗްސީއާރުއާ ހަވާލާދީ އަލްޖަޒީރާއިން ބުނާގޮތުގައި މިހާރު ކަނޑުމަތިވެފައިވާ ރޮހިންޔާ މީހުން ކާނެއެއްޗެއް އަދި ބޯފެން ނެތި ކަނޑުމަތީ ތިބޭތާ އެތައް ހަފްތާއެއް ވެއްޖެ އެވެ.

ވޭތުވެ ދިޔަ ހަފްތާގައި ޔޫއެންއެޗްސީއާރު ވަނީ މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ކާރިސާގެ ތެރޭގައިވެސް އެސައިލަމް ހޯދުމަށްޓަކައި ދަތި އުނދަގޫކަމާއެކު ކަނޑުމަގުން ދަތުރުކުރާ ރެފިއުޖީން އަނބުރާ ފޮނުވާ ނުލުމަށް ގައުމުތަކުގެ ކިބައިން އެދިފަ އެވެ.

2017 ވަނަ އަހަރު ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ރާހީން ސްޓޭޓުގައި ހިނގި ލާއިންސާނީ ޖަރީމާތަކުން ފިލި މިލިއަނަކަށްވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން ވަނީ ބަންގްލަދޭޝް އިން ވަނީ ބަލައިގެންފަ އެވެ.

މިޔަންމާއިން ރޮހިންޔާ މުސްލިމުންނަކީ އެ ގައުމުގެ ރައްޔިތުންގެ ގޮތުގައެއް ނުބަލަބއެވެ.

އެމީހުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަންނާނެކަން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކުރިން އިއުލާންކުރައްވައިފަ އެވެ. އަދި ރޮހިންޔާގެ ފަރާތުން ވަކާލާތު ކޮށްދިނުމަށް ރާއްޖެއިން ވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަޝްހޫރު ލޯޔަރު އަމާލް ކްލޫނީގެ ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް