
ސާޖިދާ އުދެއްދެވީ ސިއްހީ ދާއިރާއިން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާ އުފައްދެވިކަން ސާޖިދާ އިއުލާން ކުރެއްވީ މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައިދެއްކެވި ވާހަކަފުޅުގައެވެ.
ސާޖިދާ ވިދާޅުވީ އެ ޖަމިއްޔާ އުފެއްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ވަނީ ދައްކާފައެވެ.
ކޮމެޓީ ބައްދަލުވުމުގައި ސާޖިދާ ދެއްކެވި ވާހަކާގައި ސައިބާ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި، ކުޑަކުދިންގެ އަދުލާއި، ކުޑަކުދިން ގާނޫނާ ހިލާފުވާ މައްސަލަ އާއި، ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ގާނޫނާ ހިލާފުވުމާ އަދި ކުޑަކުދިންގެ އަދުލުގެ މައުޟޫއަށް އިންސާފުކުރައްވަމުން އެކަމަނާ ވަނީ، ދިވެހިރާއްޖެއިން ބަލައިގެންފައިވަނީ އެފަދަ ކުދިންނަށް ތައުލީމުދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ނެރެ، ދެވަނަ ފުރުސަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުޑަކުދިން ގާނޫނާ ހިލާފުވާން މެދުވެރިވާ ހަގީގީ ސަބަބު ދެނެގަނެ، އެކަމަށް އެދެވޭ ހައްލު ހޯދުމުގެ މުހިންމުކަމާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ފާހަގަކޮށް، އެކުދިން އެހާލަތަށް ދިއުމުގެ ކުރިން އަޅާލުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.