
މި ހާމަކުރެއްވުން މިނިސްޓަރު ކުރައްވާފައިވަނީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އޯލެވެލްގެ ޓޮޕް 10 އަށް އަރާ ދަރިވަރުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލްގެ މަރުހަލާއަށް ދާއިރު، އޭލެވެލްގެ ޓޮޕް 10 އަށް ދެވޭވަރަށް ނަތީޖާ ނުލިބޭކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ ނަތީޖާ ރަނގަޅުކޮށް، ސްކޫލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިފައިވާ މުހިއްމު ކަންކަމަށްވެސް އަލިއަޅުވާލައްވައިފައެވެ. އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާއަށް އަންނަ މި ބަދަލުތަކަކީ ހައްލު އަންނަން ޖެހޭ ކަންކަން ކަމަށާއި، މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މިހާރު ކުރަމުންދާ މުހިންމު އެއް މަސައްކަތަކީ ޓީޗަރުން މަދުވުމުގެ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.
މަތީ އަރުތަވެރިންގެ ހަފްލާ ކުރިއަށް ގެންދަނީ 5 ސެޝަނަކަށް ބަހާލައިގެން ކަމަށާއި، މި ސެޝަންތަކުގައި މިނިސްޓަރުވެސް ބައިވެރިވެވަޑައިގެން، ރާއްޖޭގެ ތައުލީމީ ހާލަތާ ގުޅޭ އިތުރު ވާހަކަތައްވެސް ހިއްސާކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.