
ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބޭސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި މަޢުލޫމާތު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ ބޭސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓީއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި ބޭސް މެދުނުކެނޑި ލިބޭނެގޮތް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެހެނިހެން ހެލްތު ފެސިލިޓީތަކުގައިވެސް މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.