
މިގޮތުން މިއަހަރު ގެނެވުނު އެންމެ ބޮޑު ބަދަލަކީ މިނާ ކެޓަގަރީ ސީއިން ބީއަށް ބަދަލުކުރެވުމާއެކު ދިވެހި ހައްޖާޖީންނަށް ސޯފާ އެނދު ލިބި، ފިނިކުރުމުގެ ނިޒާމު ގާއިމުކުރެވިފައިވުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިނާއާއި އަރަފާތުގެ ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނުކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން މިއަހަރު ދިވެހި ހައްޖާޖީން ސައުދީ އަރަބިއާއަށް ދަތުރުކުރީ މައްކާ ރޫޓު އިނީޝިއެޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ރާއްޖެއިން ފުރިއިރު ހައްޖާޖީންގެ ސައޫދީ އިމިގްރޭޝަން ނިމިފައިވުމާއެކު ޖިއްދާ އެއަރޕޯޓުގައި މަޑުކަރުންޖެހުނީ އެންމެ 10 މިނެޓެވެ.
ހައްޖާޖީންނަށް މިނާގެ ކެއުންވެސް މީގެ ކުރީ އަހަރުތަކަށްވުރެ ފުރިހަމައަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މައްކާގައި ދިވެހި ހައްޖާޖީންނާ ބައްދަލުކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ ހައްޖާޖީންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ކަންކަން ތަރުތީބުކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ހައްޖާޖީން އެދުނު ގޮތަށް ދިވެހި ހައްޖާޖީން ނަގާ ބޭސް ހިލޭ ލިބޭނެ އިންތިޒާމުވެސް ރައީސް ވަނީ ވަގުތުން ހަމަޖައްސަވައިދެއްވާފައެވެ.