
ބައްސާމްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި މިއަދު ފަސް މީހެއްގެ ހެކިބަސް ނަގާގޮތަށް އޮތްނަމަވެސް މިއަދު ހެކިބަސް ނެގީ އޭގެތެރެއިން ހަތަރު މީހެއްގެ އެވެ. އެކަކަށް ގުޅޭ ގޮތް ނުވެގެން މިއަދު އޭނާ ހާޒިރު ކުރެވޭ ގޮތެއް ނުވިއެވެ.
މިއަދު ކޯޓުގައި ހެކިބަސް ދިން އެކަކީ، ކުރިން އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި އަންހެން މުވައްޒަފެކެވެ. މީގެ ކުރިންވެސް އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ބައެއް މުވައްޒަފުންވަނީ މި މައްސަލައިގައި ހެކިބަސްދީފައެވެ.
މިއަދު ހެކިބަސް ދިން އެފްއޭއެމްގެ ކުރީގެ މުވައްޒަފަކީ އަންހެން މުވައްޒަފެކެވެ. ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ހުރެ ހެކިބަސް ދިން މި މުވައްޒަފަކީ 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމަށް އެފްއޭއެމްގެ އެކައުންޓްސް އެންޑް ފައިނޭންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފެކެވެ. އޭނާ ބުނީ ގޮތުގައި އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕޭމަންޓް ހެދުމާއި ޑާޓާ އެންޓްރީ ކުރުމާއި ޕޭމަންޓް ވައުޗަރ ހެދުން ފަދަ އެކައުންޓްސް ޑިޕާޓްމެންޓްގެ މަސައްކަތްތައް ކަމަށެވެ.
އެ ދުވަސްވަރު އޭނާއާއެކު ޖުމްލަ ހަތަރު މުވައްޒަފުން އެކައުންޓްސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ކަމަށް އޭނާ ޝަރިއަތުގައި ބުންޏެވެ. އޭނާ ބުނި ގޮތުގައި ފީފާއާއި އޭފްސީ އަދި މިނިސްޓްރީން އެފްއޭއެމަށް ފައިސާ ލިބުނެވެ. ފީފާއާއި އޭއެފްސީން ލިބެނީ ޑޮލަރު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފީފާއާއި އޭއެފްސީން ލިބޭ ޑޮލަރު އެފްއޭއެމުން މާރު ކުރަނީ ބޭންކް މެދުވެރިކޮށެއް ނޫނެވެ. އެކި ފަހަރު މާރުކުރަނީ އެކި ގޮތަށް ކަމަށާއި އޭރަކު މާކެޓްގައި ހުންނަ އަގެއްގައި ޑޮލަރު މާރު ކުރި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ޑޮލަރު މާރުކޮށްފައި ލިބޭ ރުފިޔާ އެފްއޭގެ އެކައުންޓަށްވެސް އަދި ބައެއް ފަހަރު ނަގުދު ފައިސާގެ ގޮތުގައިވެސް ލިބެއެވެ. ބައެއް ފަހަރު ހިސާބުތައް ދިމާނުވާކަން ފާހަގަވާ ކަމަށާއި އެ ފަދަ ހާލަތްތަކުގައި އެކަން އޭރު އޭނާގެ ސުޕަވައިޒަރަކަށް މަސައްކަތް ކުރި މުވައްޒަފަށް އަންގާ ކަމަށް އޭނާ ބުންޏެވެ.
އެ މުވައްޒަފު ކިޔައިދިން ގޮތުގައި އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި އޮންނަ އެކައުންޓްގެ ޗެކުގައި ސޮއިކުރަނީ ބައްސާމް އަދީލް ޖަލީލް، އަލީ އުމަރު އަދި ހުސެއިން ޖަވާޒުއެވެ. ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓްގައި ސޮއި ކުރަނީ ބައްސާމްއާ އަލީ އުމަރު ކަމަށް އޭނާ ބުންޏެވެ .
އަލީ އުމަރަކީވެސް މި މައްސަލައިގައި ހެއްކެކެވެ. އެކަމަކު މިހާތަނަށް އޭނާ އަދި ހާޒިރު ކުރެވިފައެއް ނުވެއެވެ. މިއަދުގެ ޝަރީއަތް ނިންމާލީ ދެން އޮންނަ ޝަރީއަތަކަށް އަލީ އުމަރު ހާޒިރު ކުރާނެ ކަމަށް އިއުލާން ކުރުމަށް ފަހުއެވެ.