
މި އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ތޮވާފާއި ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް އެޕުން ބެލެން ހުންނާނެ އެވެ.
އިސްލާމިން މިނިސްޓަރު ޑރ. ޝަހީމް މުހައްމަދު އަލީ ސައީދު ވިދާޅުވީ "ހާޖީ އެމްވީ"ގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ އެ އެޕްގެ ފުރަތަމަ ވާޝަން ކަމަށެވެ.
މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯއިން "ހާޖީ" އެޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ އެޕްގެ މަގުސަދަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. އަދި އެ އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.