ads
ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން
ޔޯގާ ދުވަސް ފާހަގަކޮށްފައިވާތީ އެކަން އިލްމުވެރިން ކުށްވެރިކޮށްފި
ރާއްޖޭގައި އިއްޔެ ޔޯގާ ދުވަސް ފާހަގަކޮށްފައިވާތީ އިލްމުވެރިންގެ ގުޅުމުން އެކަން ކުށްވެރިކޮށްފި އެވެ.
Advertisement

އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ތާޖް ރިސޯޓުގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި މި ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އެއްބާރުލުމާ އެކު، ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުން ކުށްވެރިކޮށްފަ އެވެ.

ޔޯގާގެ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް، ދިވެހިރާއްޖޭގެ 104 ދީނީ އިލްމުވެރިން ހިމެނޭހެން، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މީގެ ކުރިން ވެެސް ވާނީ އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްދީފައި ކަމަށް ބަޔާނުގައި ބުންޏެވެ. އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ 2022 ގެ ޔޯގާ ދުވަހު ރާއްޖޭފެ ވެރިރަށް މާލޭގައި ފާހަގަ ކުރަން އުޅުމުން ހިނގައި ދިޔަ ކަންކަމާ ގުޅިގެން، އެކަމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުމާ ކަމެއްކަން، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށެވެ.

"ޔޯގާގެ އަމަލު ހުއްޓުވުމަށްޓަކައި އެ ދުވަހު އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތް ކުރައްވާފައިވާކަން ފެންނަން ވެސް އެބައޮތެވެ،" ބަޔާނުގައި ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން އިތުރަށް ބުނީ އެހެންކަމުން، ޝިރުކުގެ ނުބައިވެގެންވާ މި އަމަލާ ގުޅުވައިގެން ޔޯގާ ދުވަސް ފާހަގަކުރިއިރު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހަަކީ، އިންޓަނޭޝަނަލް ޔޯގާ ޑޭގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މިދިޔަ ސަރުކާރުގައި 2022ގައި އިންޑިއާ އެމްބަސީން މި ހަރަކާތް ބާއްވާފައިވަނީ، ގަލޮޅު ދަނޑުގަ އެވެ. އެފަހަރު ބައެއް ދީނީ އިލްމުވެރިންނާއި މީހުންނާއި އާންމުން ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު، މިގޮތަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ޔޯގާ ދުވަސް ފާހަގަކޮށްފައެއް ނުވެ އެވެ. އޭރު އެމީހުން ހަމަނުޖެހުން ހިންގީ، ޔޯގާއަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އެވެ. 

އެ ސަރުކާރުގައި އެ ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް، މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވަނީ އޭގެ ތެރެއިން ބައެއް މީހުންގެ ދައުވާތައް އަނބުރާ ގެންދިއުމަށެވެ. 

އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލި ދައުވާތައް ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް