ads
ދެރަވެފަ އިން އަންހެނެއް
ހާޓް ބްރޯކެން ސިންޑްރޯމް: އަންހެނުންނަށް ގިނައިން ޖެހުނަސް، ނުރައްކާ ބޮޑީ ފިރިހެނުންނަށް
2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު އެމެރިކާގެ ހޮސްޕިޓަލްތަކުގައި ފަރުވާދެވުނު 200,000 އަށް ވުރެ ގިނަ ކޭސް ދިރާސާކޮށްފައިވާ ތަފްސީލީ ދިރާސާއެއް، އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލްގައި މިފަހުން ވަނީ ޝާއިއުކޮސްފަ އެވެ.
Advertisement

މި ދިރާސާއިން ޓަކޮޓްސޫބޯ ކާޑިއޯމަޔޯޕަތީއަށް، އާންމުކޮށް "ހާޓް ބްރޯކެން ސިންޑްރޯމް" ގެ ނަމުން މަޝްހޫރުވެފައިވާ މި ބައްޔަށް، ޖިންސުގެ ތަފާތު ބޮޑުކަން ހާމަކޮށްދެ އެވެ. މި ބަލިކަން ދިމާވަނީ ހިތުގެ ވާތްފަރާތު ވެންޓްރިކަލް ކުއްލިއަކަށް ވަގުތީ ގޮތުން ބަލިކަށިވުމުގެ ސަބަބުންނެވެ. ގިނަ ފަހަރު މިއީ ވަރަށް ބޮޑަށް ހިތާމަޔާއި ނުވަތަ ހަށިގަނޑަށް ކުރިމަތިވާ ސްޓްރެސްގެ ސަބަބުން ދިމާވާ ކަމެކެވެ. މި ބަލިޖެހޭ މީހުންނަށް ހާޓް އެޓޭކެއްގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތައް ފެނެ އެވެ. މޭގައި ރިއްސުމާއި ނޭވާކުރުވުން މީގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް، އެންޖިއޯގްރާމް ހެދުމުން އާންމުކޮށް ހިތުގެ ލޭހޮޅިތަކެއް ބެދިފައި ނުހުރެ އެވެ.

މި ބަލީގެ ކޭސްތަކުގެ ތެރެއިން ގާތްގަނޑަކަށް %83 އަކީ މައްސަރު ކަނޑައިގެން ގޮސްފައިވާ އަންހެނުން (އާންމުކޮށް ގާތްގަނޑަކަށް 67 އަހަރުގެ އުމުރުގެ) ނަމަވެސް، މި ބަލި ޖެހޭ ފިރިހެނުންނަށް ނުރައްކާ މާ ބޮޑުކަމަށް ދިރާސާގައި ވަނީ ފާހަގަ ކޮށްފަ އެވެ. މި ބަލީގެ ޝިކާރައަކަށްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވާ މީހުންގެ ނިސްބަތް ފިރިހެނުންގެ ތެރޭގައި %11.2 އަށް އަރަ އެވެ. މިއީ އަންހެނުންގެ ނިސްބަތަށް (%5) ބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. ކޮންޖެސްޓިވް ހާޓް ފެއިލިއާ އޭޓްރިއަލް ފައިބްރިލޭޝަން، ކާޑިއޯޖެނިކް ޝޮކް، ސްޓްރޯކް އަދި ކާޑިއެކް އެރެސްޓް ފަދަ ނުރައްކާތެރި މައްސަލަތައް ގިނަ ބަލިމީހުންނަށް ކުރިމަތިވެފައި ހުރެ އެވެ. މި ކަންކަމަކީ ފިރިހެނުންގެ މެދުގައި މަރުވާ ނިސްބަތް މަތިވުމުގެ އެއް ސަބަބެވެ.

ސައިންސްގެ އަލީގެ ހޯދުންތަކުން، މި ސިންޑްރޯމް ދިމާވަނީ ހިތަށް ސްޓްރެސް ހޯމޯންތަކެއް ކަމަށްވާ ކެޓެކޯލަމިންސް (އެޑްރެނަލިން ފަދަ) ގިނަ އަދަދަކަށް ދޫވެ، ހިތުގެ މަސްތައް "ޝޮކް" ވެ، ކޮރޮނަރީ ސްޕެޒަމް ދިމާވެ، ހިތުގެ ލޭ ޕަމްޕުކުރުމުގެ މަސައްކަތަށް ބުރޫއެރުމުން ކަމަށް ވަނީ ދައްކާފަ އެވެ. އަންހެނުންނަށް ގިނައިން މި ބަލި ދިމާވަނީ ހިތާމަ، ބިރު، ނުވަތަ އުފާވެރިކަން ފަދަ ޖަޒުބާތީ ސްޓްރެސްގެ ސަބަބުންނެވެ. 

ނަމަވެސް، ފިރިހެނުންނަށް ގިނައިން މިއީ އޮޕަރޭޝަންތައް، ބޮޑު ބައްޔެއް، ނުވަތަ ސެޕްސިސް ފަދަ ހަށިގަނޑަށް ކުރިމަތިވާ ސްޓްރެސްތަކާ ގުޅިގެން ކަމަށް ދިރާސާ އިން ދައްކަ އެވެ. އަދި މިފަދަ ހާލަތްތަކަކީ މާ ނުރައްކާތެރި މައްސަލަތަކަށް މަގުފަހިކުރާ ކަންކަމެވެ.

މި ބައްޔަށް ދެވޭ ފަރުވާގައި މައިގަނޑު ގޮތެއްގައި ސަޕޯޓިވް ތެރަޕީ ހިމެނެ އެވެ. ބީޓާ ބްލޮކާ، އޭ.ސީ.އީ އިންހިބިޓަރ، އެސްޕިރިން ފަދަ ބޭސްތައް ބޭނުންކުރެ އެވެ. އަދި ހިތުގެ މަސައްކަތް ރަނގަޅުވަންދެން (އާންމުކޮށް ދުވަސްކޮޅެއް ނުވަތަ ކޮންމެސް ވަރަކަށް ހަފްތާތަކެއްގެ ތެރޭގައި) ސިއްހީ މާހިރެއްގެ ލަފާ ވަރަށް މުހިންމެވެ. 

ނަމަވެސް، މި ބައްޔަށް ވަކި މިންގަނޑުތަކެއްގެ މަތިން ދެވޭ ފަރުވާއެއް ނެތުމާއި، ނުރައްކާތެރި މައްސަލަތައް ގިނަވުމާއި، އަދި މަރުވާ މީހުންގެ ނިސްބަތް (ގާތްގަނޑަކަށް %6.5) ހުރުމަކީ މިހާރު ދެވޭ ފަރުވާގައި ގިނަ އެންމެ ފުރިހަމަ ނޫންކަން ދައްކުވައިދޭ ކަމެކެވެ. ބަލިން ރަނގަޅުވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ އަހަރަކު %1-3 މީހުންނަށް އަލުން ބަލިޖެހެ އެވެ. އަދި ދިގުދެމިގެންދާ ނުރައްކާތެރި މައްސަލަތަކުގެ ތެރޭގައި ހިތުގެ ހިގުމަށް ބަދަލު އައުން، ހާޓް ފެއިލިއާ އަދި މަރުވުން ހިމެނެ އެވެ. 

ހާއްސަކޮށް ފިރިހެނުންނާއި، އެހެނިހެން ސިއްހީ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް މި ނުރައްކާ ބޮޑެވެ. ހާޓް ބްރޯކެން ސިންޑްރޯމްގެ އެއްވެސް އަލާމާތެއް ފާހަގަވާނަމަ ލަސްނުކޮށް ސިއްހީ ހިދުމަތް ތެރިއެއްގެ ލަފާ ހޯއްދަވާށެވެ.


މައުލޫމާތު: ހަވާޑް.އެމްވީ/ އެމެރިކާ


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް