ރައީސް އޮފީހުގެ އަންޑަރ ސެކެއްޓްރީކަމުގެ މަގާމުން ވަކިކުރި، ދާއޫދު އަހްމަދު، ރިޔާސީ ކޮމިޝަނަށް ދޮގު ބަޔާން ދީފައިވާ މައްސަލަ ބަލަން ރައީސް އަންގަވައިފިއެވެ.

Advertisement
ރައީސް އޮފީހުގެ އަންޑަރ ސެކެއްޓްރީ ކަމުގައި ހުރެ، ދާއޫދު އަހްމަދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައިވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޮމިޝަނަށް ދޮގު ބަޔާން ދީފައިވަނީ ޔުމްނު ވެއްޓުން ހާދިސާއާ ގުޅިގެން ސަރުކާރުގެ އެއްވެސް ފަރާތަކާ މުއާމަލާތްކޮށްފައި ނުވާނެ ކަމަށް ބުނެ ކަމަށާއި އެހެންނަމަވެސް އެކި ފަހަރު މަތިން ސީދާ ހޯމް މިނިސްޓަރު އިހްސާނުއާއި ދާއޫދު މުއާމަލާތްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ މިއަދުއެވެ. ރައީސްގެ އެންގެވުމުގައި ދާއޫދުގެ މައްސަލަ ބެލުން ހިމަނާފައިވެއެވެ.
"މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީއާއި، ދާއޫދު އަޙްމަދު މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބަޔާންކުރައްވައިފައިވާތީއާއި، ޙައްވާ ޔުމްނު ރަޝީދު ހ.މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ރިޔާސީ ކޮމިޝަނުގެ އެ ނިންމެވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ" ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމިޝަނުގެ ރިޕޯޓުގައިވަނީ، ރައުދު އެކޭ އެއްވަރަށް، ދާއޫދުވެސް ޔުމްނު ވެއްޓުނު ވެއްޓުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް އަންގާފައިނުވާތީ އެކަމުގައި އިހުމާލުވީ ކަމަށް ދެކޭ ކަމަށް ބުނެފައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.