
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަމުން، ނިޔާޒީ ވިދާޅުވީ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ހަތަރު މައްސަލައެއް އޮޑިޓު އޮފީހުން ބަލަމުން އަންނައިރު، އޭގެ ތެރޭގައި ފޯޖުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނިޔާޒީ ވިދާޅުވި ގޮތުގައި، ބައެއް ފަރާތްތަކުން ތަކެއްޗާއި ހިދުމަތް ދައުލަތަށް ފޯރުކޮށްދިންކަމަށް ދައްކައިގެން ވަގު ލިޔުން ހުށަހަޅައިގެން ބަދަލު ހޯދަން މަސައްކަތްކޮށްފައިވެއެވެ. މި ލިޔުންތަކަކީ ސައްހަ ނޫން ލިޔުންތޯ ކަށަވަރުކުރުމަށްޓަކައި، ބޭންކުތަކުންނާއި އެހެން އިދާރާތަކުން އަސްލު ޑޮކިއުމެންޓްތަކާއި، އޭގައި ސޮއިކޮށްފައިވާކަމަށް ބުނާ މީހުންގެ ބަސް އޮޑިޓު އޮފީހުން ހޯދިކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
ނިޔާޒީ ފާހަގަކުރެއްވި ގޮތުގައި، އިންސާފުވެރި ބަދަލެއް ދޭންޖެހޭ ހާލަތެއްގައި ދައުލަތުން އެކަން ކުރަންޖެހޭނެއެވެ. ނަމަވެސް، ދައްކަން ނުޖެހޭވަރުގެ ބޮޑެތި އަދަދުތަކަށް އެދި، އުސޫލުން ބޭރުން ބަދަލު ހޯދަން މަސައްކަތްކުރާ ކަންކަން ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަތަކުގެ ތެރޭގައި ސެންޓާ އެންޓަޕްރައިޒަސްއިން ވަގު ލިޔުމެއް ހުށަހެޅިކަން ފާހަގަކުރެވިފައިވާއިރު، އެ ކުންފުންޏަށް 32 މިލިއަން ރުފިޔާގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، އެ މައްސަލަ ބަންޑާރަ ނައިބު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.