
މި ޖަލްސާ ފައްޓަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްއެވެ.
ދެ ދުވަހަށް ކުރިޔަށޤދާ މި ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާބެހޭ މައުޟޫގެ މައްޗަށެވެ.
މި ބައްދަލުވުން ފައްޓަވާ ދެއްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، އާބާދީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭކަމަށެވެ.
ނާޒިމްގެ ވާހަކަގައި އޭނާ ވަނީ ރާއްޖޭގެ އާބާދީ، 2054 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަނާ ގާތްކުރާނެކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގައިކަން ފާހަގަކުރައްވާފައެވެ. އަދި، އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ސިއްހީ ފަރުވާއާއި، ނަފްސާނީ ސިއްހަތަށް ސަމާލުކަންދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މުޖުތަމަޢުގެ ހެޔޮ ދުޅަހެޔޮކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދަވާ 'ހެޕިނެސް މޯލްޑިވްސް ޕްރޮގްރާމް'އާއި އަދި އެ ޕްރޮގްރާމާ ގުޅޭ ޤައުމީ ހެޕިނެސް އިންޑެކްސްއަށްވެސް ނާޒިމް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެ ސިޔާސަތުތަކަކީ، މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިޖުތިމާޢީ ދުޅަހެޔޮކަން ބައްޓަން ކުރެއްވުމަށް މުހިންމުކަން ދެއްވާކަމުގެ ހެއްކެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖެއިން އިންތިޒާމުކުރާ ދެކުނު އޭޝިއާ ސަރަހައްދުގެ އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ ސަބް ރީޖަނަލް ޕާލަމެންޓްރީ ބައްދަލުވުން އޮތީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ