
މިއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާން ސާބިތު ދަރަންޏެއް ނުދައްކާކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަވެސް މެއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ގާލިބު ސަލީމް ކިޔާ މީހެކެވެ.
ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.
އެކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު 14ގައި ކުރި ހުކުމްގައި ބުނެފައިވަނީ އެ ތާރީހާ ހަމައަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ދެއްކުމަށެވެ. އަދި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯނިއާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށްވެސް ހިތަދޫ ކޯޓުގެ ހުކުމުގައިވެއެވެ. އެހެންނަމަވެސް އެ ހުކުމާއި އެއްގޮތަށް ދަރަނި ދައްކަމުން ނުދާކަމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައިވެއެވެ.
ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމްއެވެ.
މީގެ ތެރެއިން ސަލީމް އަދި ޝަހީދަކީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރި ދެ ފަނޑިޔާރުންނެވެ.