
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރުވަނީ ކުރިން އޮތް އުސޫލަށް ބަދަލު ގެނެސްފަ އެވެ. އުސޫލަށް ގެނެވުނު ބަދަލުގެ ތެރޭގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމުގައި ހިމަނާފައިވެ އެވެ.
ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ދިނުމަށް މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/45 (29 މޭ 2025) އިއުލާންގައި ހިމެނުނު ބައެއް އުސޫލުގެ ތެރޭގައި މި ސްކީމަށް ހުޅުވާލެވުނު އިރު ހިމެނިފައިނުވާ ބައެއް އުސޫލުތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ކަންބޮޑުވުން އެކަމުގައި އުފުލަމުން ދިއުމުގެ ސަބަބުން، އެ ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރެއްވުމުން، ރައްޔިތުންގެ ޝަކުވާގެ އަޑުއައްސަވާ، ރައްޔިތުން އެދޭ ގޮތަށް، އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، 15 ނޮވެމްބަރ 2023 ގައި ޕޯޓަލްގައި ޝާއިއު ކޮށްފައިވާ ލިސްޓަށް ފްލެޓްތައް ހަވާލުކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.
ޒަމީރު ވިދާޅުވީ 26 ޖޫން 2022 ގައި އަމަލުކުރުމަށް އެކުލަވާލެނު އުސޫލާއި ހިލާފުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ލިސްޓުން އުނިކުރެވޭނޭ ކަމަށްވެސް ރައީސް އަބަދުވެސް ދަންނަވަމުން ވަޑައިގެންނެވި ގޮތަށް އެ ފަރާތްތައް އުނިވެގެން ދާނެ ކަން ރައީސް ތަކުރާރު ކުރެއްވި ކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަކީ ގައުމާއި ރައްޔިތުންގެ ލާބައަށް، އަދި އެމަނިކުފާނުގެ ވައުދުތައް، އެ ވައުދުތައް ވެވަޑައިގެންނެވި ގޮތަށް ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އާ އުސޫލެއް އިއުލާންކޮށްފާއިރު، އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އިއުލާންކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވާ ސިޔާސަތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށް އެ މިނިސްޓްރީން ކުރި އިއުލާމުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއުލާންކުރި ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. ނަމަވެސް އެލިސްޓުގައި ޝަރުތު ހަމަނުވާ ފަރާތްތައް ހިމެނޭނަމަ އެފަރާތްތައް ލިސްޓުން އުނިކުރެވޭނެއެވެ. އެގޮތުން 26 ޖޫން 2022 ގެ ތާރީހުން 15 އަހަރު ކުރީގެ ތާރީހެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން، މާލެ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސާބިތުނުވާނަމަ، އެފަރާތްތައް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެއްގެ ގޮތުގަ އެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިފަހުން ވަނީ ވިދާޅުވެފައި އެވެ. އަދި އަންނަ މަހު ފްލެޓްތައް ހަވާލުކުރަން ފަށާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުގެ ވައުދާ އެއްގޮތަށް މިހާރު އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފައި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ރަށްވެހިން ވެސް ހިމެނޭ ގޮތަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ގޯތި ނޫނީ ފްލެޓު ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.