
މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތު އައްޝައިހު އިއްޒުއްދީން އަދުނާން ސޮއިކުރެއްވިއިރު، ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީއެވެ.
މި ހަބް ގާއިމުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ މާރިޗު 19 ވަނަ ދުވަހު ބޭއްވި ޒަކާތު ކައުންސިލްގެ ބައްދަލުވުމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ހަބުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އިތުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި، ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާއި އިތުރަށް ބާރުވެރިކުރުން ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
"އެމްޕަވަރމަންޓް ހަބް" ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ޓަވަރު ހަތެއްގެ އެއްވަނަ ފަންގިފިލާގައެވެ. މި ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތުތައްވެސް ހޯދައިދެވޭނެކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.