
ރައީސްގެ ޓުވިޓަ އެކައުންޓުން ޝާއިއުކުރި ޓުވީޓެއްގައި ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ހިދުމަތް ވަނީ ފަށާފައި ކަމަށެވެ. އަދި ރ. އަތޮޅުގެ އެންމެހައި ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، ރައީސް ވިދާޅުވީ ދެން ހުރިހާ އަތޮޅެއްގައި މި އަހަރު ނިމުމުގެ ކުރިން ފެރީ ހިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުވެސް ފުއްދަވާނެ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް މިހާރު ދަނީ ކުރިއަށް ކަމަށް ރައީސް މުއިޒު ވިދާޅުވިއެވެ.