
މެޓް އޮފީހުން ދިން މައުލޫމާތުގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން އިންޒާރު ދީފައިވެއެވެ.
މެޓް އޮފީހުގެ މައުލޫމާތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޖެހޭނީ ދެކުނާއި ދެކުނު ހުޅަނގުން ކަމަށާއި މާލެ ސަރަހައްދުގައި 45 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ތިން ދުވަހު ބޯކޮށް ވާރޭ ވެހޭނެކަމަށާއި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށްވެސް ވެހިދާނެކަމަށް އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ކަނޑުތައް ވެސް ދަގަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދެކުނުގެ ރާޅުތައް ތިން ފޫޓާއި ފަސް ފޫޓާ ދޭތެރޭގައި ހުންނާނެ ކަމަށާއި މެދު ރާއްޖެތެރޭގެ ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދޭތެރޭ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.