
ދިރާގުން ބުނީ ކުރީ އަހަރުތަކާ އެއްފަދައިން، މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއް ކަމަށެވެ.
މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ވަނީ މިކަމުގައި ބައިވެރިވާނެ ބޭނުންވާ އެންޖީއޯތަކަށް މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ރޭހުގެ އިތުރު މައުލޫމާތު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެބްސައިޓުން ލިބޭނެ އެވެ.
މި އަހަރުގެ ރޯޑް ރޭހުގައި ވެސް ދުވުންތެރިންނަށް ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވެވޭނެ އެވެ. ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސް/ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ އެވެ.
މި ދުވުމުގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ފައިސާގެ ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000ރ. ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.
ދިރާގު ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގުން ވަނީ މިއަހަރު "ދިރާގު ފުވައްމުލައް ރަން" ބާއްވައިފަ އެވެ.