
ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި ބިގޭ ވިދާޅުވީ، އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރި މަންޒަރު ފެނިގެންދިޔަ ކަމަށެވެ.
ބިގޭ ވިދާޅުވީ ރައީސް މުއިއްޒުގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުންނަށް ހިތްދަތިކަމާއި ނާމާންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ ހޯދައިދިން މިނިވަންކަމާއި ބާރުތައް ވަކިވެފައި އޮތް ނިޒާމު އެއްކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާދާނެ ކަމަށާއި، ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ޒުވާނުން ބައިވެރިވާން ޖެހޭ ކަމަށް ބިގޭ ގޮވާލެއްވިއެވެ.
ބިގޭ ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރީގެ ވެރިކަންތަކުގައި އަތޮޅުތެރޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވާލައި، ހިލޭ ބޭސްފަރުވާ ހޯދައިދިނުމަށް އާސަންދަ ނިޒާމު ގާއިމްކޮށް، މަތީ ތައުލީމަށް ކިޔެވޭނެ ގޮތް ފަހިކޮށްދިނުމަށް ހިލޭ ޑިގްރީ ޕްރޮގްރާމް ފަދަ ރައްޔިތު މީހާއަށް ފައިދާވާ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވެއެވެ. އަދި ފިކުރާ ދޭތެރޭ ނުވިސްނި ނަމަވެސް ރަނގަޅު ގޮތާއި ނުބައި ގޮތަކީ ކޮބައިކަން އަމިއްލައަށް ވިސްނައި، ގައުމު ރަނގަޅު މިސްރާބަށް ގެންދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.