
މީރުމާ ހޮޓެލްގައި ކުރިއަށް އޮތް ކޮންގްރެސްގައި ވޯޓް ދެވޭ 23 ކްލަބްގެ ތެރެއިން 21 ކްލަބް ކޮންގްރެސް އަށް ހާޒިރުވި އެވެ. ކޮންގްރެސްގައި ބައިވެރި ނުވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
ކޮންގްރެސްގައި އަސާސީ ގަވައިދު އިސްލާހު ކުރަން ގަވާއިދުގެ ހުރިހާ މާއްދާތަކަށް ވޯޓަށް އެހީ އެއްކޮށެވެ. އަސާސީ ގަވާއިދަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޒޯން އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމެވެ. ކުރީގެ ގަވާއިދުގައި އޮތީ އެފްއޭއެމްގެ މެންބަރު ކްލަބްތަކަކީ ފުރަތަމަ ޑިވިޝަނުން 8 ކްލަބް އަދި ދެވަނަ ޑިވިޝަނުން 10 ކްލަބް ކަމަށެވެ. މިއަދު ފާސް ކުރި އަސާސީ ގަވާއިދާ އެކު ގާނޫނީ ގޮތުން ވެސް އެ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު ވަނީ އެއްގޮތް ވެފަ އެވެ.
ކުރީގެ ގަވާއިދުން އެފްއޭއެމްގެ މެންބަރުންގެ ތެރޭގައި "ނުވަ ޒޯން" ހިމެނާފައި ވެއެވެ. ޒޯންކަމަށް ބުނެ އެ ފުރުސަތު އެފްއޭއެމުން ދިނީ ތިންވަނަ ޑިވިޝަނުގެ އެއް ކްލަބަށެވެ. މިއަދު ބޭއްވި ކޮންގްރެސްގައި ވެސް އެ ފުރުސަތު ދިނީ ސީބީއެލްއަށެވެ. އެކަމަކު އަންނަ މަހު ބާއްވާ ކޮންގްރެސްގައި އެ ޓީމަށް އެ ފުރުސަތެއް ނުދޭނެ އެވެ. މިއަދަށް ފަހު ބާއްވާ ކޮންގްރެސްގައި ތަންސީލު ކުރަނީ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކްލަބްތައް އެކަންޏެވެ.