
ނޯމަލައިޒޭޝަން ކޮމިޓީން އިއުލާންކޮށްފައިވަނީ އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާށެވެ. ޖުލައި މަހުގެ ނިޔަލަށް އާ އިންތިހާބު ނުބޭއްވިއްޖެނަމަ ފުރަތަމަ ފަހަރަށް ފީފާގެ ސަސްޕެންނަކާ ރާއްޖޭން ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވެނީ ކުރިން އެ މަގާމް ފުރުއްވި ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވާޑް އަހްމަދު ތޯރިގު އަދި މިހާރު ހިޔާނާތުގެ ޝަރީއަތް ފެށިފައިވާ ބައްސާމް އަދީލް ޖަލީލްއެވެ. އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި އިންތިހާބުގައިވެސް ވާދަކުރަން އޮތީ މި ދެ ނަމެވެ.
އެފްއޭއެމްގެ އަސާސީ ގަވައިދު މިއަދު އިސްލާހު ކުރިއިރު، އާ އަސާސީ ގަވާއިދަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓަކަށް އެއްވަނަ ޑިވިޒަނުން ތާއީދުކުރަން ޖެހޭ ކްލަބްތަކުގެ އަދަދު ދޭކަށް މަދުކުރުމެވެ. ކުރީގެ އަސާސީ ގަވާއިދުގައި ބުނަނީ އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ތާއީދު އެ ކެންޑިޑޭޓަކަށް އޮންނަން ޖެހޭނެ ކަމަށެވެ.
މިދިއަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބު ދެ ފަހަރަށް ކެންސަލްކުރަން ޖެހުމުގެ މައިގަނޑު ސަބަބަކަށް ވެސް އޮތީ އިންތިހާބަށް ނުކުންނެވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް)އަށް ތިން ކްލަބެއްގެ ތާއީދު ނެތް ކަމަށް، އޭރު އެފްއޭއެމްގެ އިންތިހާބީ ކޮމިޓީން ނިންމި ނިންމުމެވެ.
އެ ނިންމުންތައް ފީފާ އާއި އޭއެފްސީން ބާތިލްކޮށް، ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް އެފްއޭއެމް ގެންދިޔަ އެވެ. އެ ކޮމިޓީގެ މުއްދަތު ޖުލައި މަހު ހަމަވާއިރު އޭގެ ކުރިން އާ އިންތިހާބެއް ބާއްވައި އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެ އެވެ.