
މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ހިދުމަތް ޖަމިއްޔާއިން ނިންމަވާފައިވަނީ މި މަހުގެ 11 ވަނަ ދުވަ ހެވެ. އަދި އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެކަމަށް ބޭނުންވަނީ 7 ލައްކަ ރުފިޔާއެވެ. އަދި އެ ޕޯސްޓް އާންމު ކުރިތާ އެއް ދުވަސް ނުވަނީސް އެކަމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ ވަނީ ހަމަވެފަ އެވެ.
ޝެއިހު ފަރީދު މަސައްކަތްކޮށްދެއްވި ހިދުމަތް ޖަމިއްޔާގެ ފަރާތުން، މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން ޝެއިޚުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުހައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ.
އެއާއެކު މިއަދު ހިދުމަތް ޖަމިއްޔާއިން ވަނީ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފަ އެވެ. ބިންގާ އަޅައިދިނީ ޝެއިހުގެ އެ ދެ ދަރިކަލުންނެވެ.
ހިދުމަތް ޖަމިއްޔާއިން ވަނީ ޝެއިހު ފަރީދުގެ ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމައިފަ އެވެ.
ޝެއިހު ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.