
ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ.
މި ހަރަކާތުގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ވަނީ ހިތްގައިމު މަޖާ އަދި އާއިލާއާއި ރައްޓެހިންނާއެކު ބައިވެރިވެ ގުޅުން ބަދަހިކޮށްފަ އެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުންނާއި، އާއިލާތަކުން ބައިވެރިވެފައިވެ އެވެ.
މި ހަރަކާތުގެ ތެރެއިން ވަނީ އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި އާއިލީ "އީދެއް" ގެނުވައިފަ އެވެ.
ފަން ރަން ނިންމި ކޮންމެ ދުވުންތެރިޔަކަށް ވެސް އައްޑޫގައި ބޭއްވި މި ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މެޑަލެއް ލިބުނެވެ. އައްޑުއަށް ހާއްސަ ދޫންޏެއް ކަމަށްވާ ދޮން ދީނީ މި މެޑަލްގައި ހިމެނެ އެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ އަދި ވަރަށް ބޮޑަށް ފޯރި ނެގި މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.