
މެލޭޝިއާގައި އަންނަ މަހުގެ 1 ވަނަ ދުވަހު އަމަލު ކުރަން ފަށާ ސޭލްސް އެންޑް ސާވިސް ޓެކްސް އިސްލާހުގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނަގާނެ އެވެ.
ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރާ ދިވެހި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާ އެއް ގައުމަކީ މެލޭޝިއާ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ލޯނު އަދި ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނާއި އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބައެއް މީޑިއާ ތަކަށް ހައިދަރު ވިދާޅުވީ، އެފަދަ ޓެކްސްއެއް ދައްކަން ޖެހޭ ނަމަ ބުރައަކަށް ނުވާނެ ގޮތަކަށް އެކަމަށް ކޮންމެ ވެސް ގޮތެއް ސަރުކާރުން ކަނޑައަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިހާތަނަށް މެލޭޝިއާއާ ރަސްމީ ގޮތެއްގައި މަޝްވަރާކޮށްފައިނުވާ ކަމަށާއި ނަމަވެސް މި ހަފުތާގައި މަޝްވަރާތައް ފަށާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ މެލޭޝިއާގައިކަން ހައިދަރު ފާހަގަކުރެއްވި އެވެ. ނަމަވެސް ކިޔަމުންދަނީ ކިތައް ކުދިން ކަން އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.