
އަންނަ މަހުގެ 26 ވަނަ ދުވަހު އޮންނަ އެފްއޭއެމްގެ އިންތިހާބަށް ހުޅުވައިލީ މިއަދުއެވެ. އިންތިހާބަށް ހުޅުވާލައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމްއަށް އިންތިހާބުގައި ވާދަކުރެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ.
ނޯމަލައިޒޭޝަން ކޮމިޓީން އިއުލާންކޮށްފައިވަނީ އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާށެވެ. ޖުލައި މަހުގެ ނިޔަލަށް އާ އިންތިހާބު ނުބޭއްވިއްޖެނަމަ ފުރަތަމަ ފަހަރަށް ފީފާގެ ސަސްޕެންނަކާ ރާއްޖޭން ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އެފްއޭއެމްގެ އިންތިހާބުގައި މިހާރު ހިޔާނާތުގެ ޝަރީއަތް ފެށިފައިވާ ބައްސާމް އަދީލް ޖަލީލް ވާދަކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އިންތިހާބަށް އިއުލާން ކުރިއިރު ބައްސާމަށް އިންތިހާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއްވަނީ ސާފުކޮށް ބަންދުވެފައެވެ.
އިންތިހާބަށް ކޮށްފައިވާ އިއުލާނުގައި ފާހަގަކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެއެވެ. ބައްސާމްއަކީ ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.
މީގެ އިތުރުން އިންތިހާބަށް އެދި ހުށަހަޅަން ޖެހޭ އިންޓެގްރިޓީ ޗެކް ސުވާލިތަކުންވެސް ބައްސާމަށް ތްރޫވެވޭނެ ކަމަށް ނުބެލެވެއެވެ. އޭގައިވާ ގޮތުން މަދަނީ އަދި އަދި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިމަނަން ޖެހެއެވެ. ބައްސާމްއާ ދެކޮޅަށް މަދަނީ މައްސަލައެއް މި ފަހުންވެސް ސާބިތުވެފައިވާއިރު ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވި ޝަރީއަތް ދަނީ ކުރިއަށެވެ. ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރެވޭނެއެވެ. ބައްސާމްގެ މައްޗަށް އެކަމަކު އަދި ޖިނާއީ ކުށެއް ސާބިތުވެފައެއް ނުވެއެވެ،