
މިއީ މިދިޔަ އަހަރުގެ އެއްފަދަ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ އެންމެ އެއް ލައްކަ ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު ލިބުނު ބޮޑު އަދަދު ހިމެނެނީ ސަރުކާރުން އެކި ބޭނުންތަކަށް ދޫކުރާ ރަށްރަށުގެ ފީގެ ތެރޭގައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ އަގުތަކެވެ. މިގޮތުން މިދިޔަ އޭޕްރީލް މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ. ކެލާ އާއި ކ. ކާށިދޫގެ ފަޅުގައި ރިސޯޓު ހެދުމަށް ހުޅުވާލާފައެވެ. އަދި މީގެ އިތުރުން 31 ރަށް ޓޫރިޒަމްގެ ބޭނުމަށް ހުޅުވާލުމަށް ވެސް ނިންމާފައިވެއެވެ.
މިދިޔަ އަހަރު ވެސް ލޭންޑް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 449 މިލިއަން ރުފިޔާ ލިބިފައިވާއިރު، 11 ރަށެއް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވެއެވެ. މިވަގުތު ރާއްޖޭގައި 180 ރިސޯޓު ހިންގަމުންދާއިރު، 156 ރިސޯޓު ތަރައްގީކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ 61 ރަށެއްގެ މަސައްކަތް މިވަގުތު ވަނީ ހުއްޓިފައެވެ. އާ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިއަހަރު ތެރޭގައި 1,290 އެނދު މާކެޓަށް ނެރުމަކީ އެމިނިސްޓްރީގެ އަމާޒެއްކަމަށެވެ.