
ސަރުކާރުގެ ފަރާތުން، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. ސައުދުﷲ އަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ. ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިއްވާފައެވެ.
އެ ބިލު ހުށަހެޅީ ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަން ކަށަވަރުކުރުމާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ގާނޫނުގައި ކަނޑައެޅުމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އުސޫލުތައް އިތުރަށް ތަފްސީލުކުރުމާއި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް ހިމަނާފައިވެއެވެ.
އިސްލާހުތަކުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ މައްސަލާގައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން ސަބަބާ އެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެ އެވެ. އަދި އެ މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދޭން ހާއްސަ ކޮމިޓީއެއް އެކުލަވާލައި ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ފަހު، މަސައްކަތުގެ ފެންވަރު ބެލުނު ގޮތާއި ކަނޑައެޅުނު ނަތީޖާ އާއި އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓުގެ ކޮޕީއެއް ވެސް ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.