
އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެމްއޭސީއެލް އިން އަންނަނީ ހާއްސަ ޓުއާ ތަކެއް ހިންގަމުންނެވެ. އަދި މި ޓުއާ ތަކަކީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއާ ތަކެކެވެ.
މި ޓުއާއަށްފަހު، އާ ޓާމިނަލަށް ހާއްސަކޮށްގެން އެމްއޭސީއެލްއިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމަންޓުގައި ވާހަކަ ދައްކަވަމުން ސީއޭއޭގެ އެއާ ޓްރާންސްޕޯޓްގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ، އާ ޓާމިނަލްގެ ހުރިހާ ކަމެއްވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ.
އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޖުމުލަކޮށް އާ ޓާމިނަލް ބޭނުންކުރާ ހުރިހާ ފަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އާ ޓާމިނަލްގެ އެންމެ ތިރި ހާއްސަކޮށްފައިވަނީ ފުރަން އެއާޕޯޓަށް ދާ މީހުންނަށް ހާއްސަ ޗެކިން ކައުންޓަރުތަކުން ޗެކިންވުމަށެވެ.
އޮރާޓަކީ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، މުވައްޒަފުން ތަމްރީންކުރުމާއި، ޓާމިނަލް ހުޅުވުމުގެ ކުރިއާއި ފަހުން މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ގައުމީ އަދި ބައިނަލްއަގްވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ބަލާ ކަށަވަރުކުރާ ޓީމެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ޖުލައި 26 ވަނަ ދުވަހު އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް އެމްއޭސީއެލް އިން އަންނަނީ ކުރަމުންނެވެ.