
މި މައްސަލަ ރައްޔިތުން މަޖިލިހަށް ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއެވެ. އޭނާ ހުށައެޅުއްވި ކުއްލި މައްސަލާގައިވަނީ ރިސޯޓުތަކުން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރާތީ އެ މައްސަލަވެސް ފާހަގަކުރައްވާފައެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ މައްސަލައިގައި ބުނެފައި ދިވެހިން އާއްމުކޮށް ވިޔަފާރިކުރާ ބޭރުގެ ސައިޓްތަކުން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފެށުމުން އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމަށެވެ. އަދި ސަރުކާރުން ޑޮލަރުގެ ވިޔަފާރިއަށް މި ގެންނަ ކުއްލި ބަދަލުތަކުން ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ޑޮލަރުގެ އަގު މިހާރަށްވުރެ ބޮޑަށް އުފިލިގެން ހިނގައިދާނެކަމަށް މައުރޫފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މިއަދުން ފެށިގެން ދެ ގުނައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ދެމުން އަންނަ 250 ޑޮލަރުގެ ލިމިޓް ވަނީ މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައެވެ.
ޑެބިޓް ކާޑުތަކގެ ލިމިޓަށް ގެނައި ބަދަލާއި އެކު، އާއްމުކޮށް ދިވެހިން ވިޔަފާރިކުރަމުން އަންނަ ބައެއް ސައިޓްތައްކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު މީގެކުރިން ފީއެއް ނުނެގިނަމަވެސް މިއަދުން ފެށިގެން 30 އިންސައްތައާއި ހަމައަށް ފީއެއް ނަގަން ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
ބޭންކުން ބުނީ އެ ބަދަލު ގެނައީ މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުންކަމަށެވެ.