
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައަށް ބަހުސްކުރުމަށް އެންމެ 11 މެންބަރުން ތާއީދުކުރިއިރު، 29 މެންބަރުން ވަނީ ބަހުސްކުރުމަށް ދެކޮޅުހަދައިފައެވެ.
ބީއެމްއެލްއިން މިހާރު ވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ވެބްސައިޓުތަކުން މުދާ ގަތުމަށް ފައިސާ ދައްކާއިރު 30 ޕަސަންޓާ ހަމައަށް ފީއެއް ނެގުމަށް ނިންމާފައެވެ. މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޑޮލަރަށް ބަދަލުކޮށްފައިވާއިރު، ފައިސާ ނެގުމަށް ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރަށް ވަނީ ހަދާފައެވެ.
ހުށަހެޅުނު ކުއްލި މައްސަލާގައި މައުރޫފް ޒާކިރު ވިދާޅުވީ، ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަ މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެކަމަށެވެ. އަދި ރިސޯޓުތަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށް، އޭގެ 90 ޕަސަންޓު މަރުކަޒީ ބޭންކަށް ފޮނުވުމަކީ ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތުން މި މައްސަލައަށް ބަހުސްކުރުމަށް ނުފެންނަކަމަށް ނިންމާފައިވެއެވެ.