
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ހުސެއިން ޝަރީފް ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓުކޮށް ފޮނުވި ނަމަވެސް ވަކި މީހަކަށްޓަކައި ފަރުމާކޮށްދޭ ކޯޓެއްގެ ގޮތުގައި ގާނޫނުތައް ނުހެދުމަށް ގޮވާލައްވާކަމަށެވެ.
މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ބިލުގައި ހިމަނާފައިވާ އެއް އިސްލާހުގައި ވަނީ ރިޓަޔާ ކުރުމުން އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުކަމުން ކޮންމެ ފަނޑިޔާރަކަށް ވެސް އަމިއްލައަށް ވަކިވެވޭ ގޮތަށް ހިމަނާފައެވެ. މީގެ ކުރިން، ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުން އެކަނި ރިޓަޔާމެންޓުގެ އިނާޔަތް ލިބޭގޮތަށް އޮންނަނީއެވެ. ހުސެއިން ޝަރީފް ވިދާޅުވީ މިއީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. ދިވެހި ގައުމަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކޮށްދޭ އާންމު ރައްޔިތު މީހާއަށް ރިޓަޔާމެންޓުގެ ގޮތުގައި ލިބެނީ ކުޑަ އުޖޫރައެއް ކަމަށެވެ.
މިސާލު ދައްކަވަމުން، ޕީއެންސީ މެންބަރު ވިދާޅުވީ ދައުލަތަށް ގިނަ މުއްދަތަށް ހިދުމަތް ކޮށްދޭ އާންމު ރައްޔިތު މީހާ ރިޓަޔާ ކުރުމުން ލިބެނީ ދިހަހާހެއްހައި ރުފިޔާ ކަމަށެވެ. އެހެންނަމަވެސް، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އޮތް ގޮތުން އެންމެ އަހަރަކު ފަނޑިޔާރުކަން ކުރާ މީހާ ވެސް ރިޓަޔާ ކޮށްފިނަމަ ރިޓަޔާމެންޓުގެ ގޮތުގައި ބޮޑު އިނާޔަތެއް ލިބޭނެ މަގުފަހިވެގެންދާނެއެވެ. ހުސެއިން ޝަރީފް ގޮވާލެއްވީ ވަކި ފަރާތަކުން އަންނަ ބިލަކަށް ނުބަލައި ގައުމީ މަސްލަހަތަށް ވިސްނައި، ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަމުގެ އުސޫލުން ކަންކަން ބައްޓަންކުރުމަށެވެ.