
މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވުމަށް ދިޔަ ވަފުދުގައި ހިމެނެނީ މޭޔަރު އާދަމް އާޒިމް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.
އޮސްޓްރިއާގެ ވިއެނާގައި މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ 14 ވަނަ މޭޔަރުންގެ ފޯރަމްގައި ބައިވެރިވުމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބައިވެރިވުން މިފަދަ ފޯރަމްތަކަށް ވަރަށް މުހިންމު ކަމަށެވެ. އަދި ޕޮލިސީ ލެވަލްގައި އެކި ގައުމުތަކުގެ މޭޔަރުން ބައިވެރިވެގެން ނިންމާ މުހިންމު ނިންމުންތަކުން މާލެއަށް ފައިދާ ކުރާނެ ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މިއީ ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންނާ ގުޅުން ބަދަހިކުރުމާއި ރަނގަޅު އާދަތައް ހިއްސާކުރުމާއި ސިޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންތެރި މަސައްކަތެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓު އެންމެ ފަހުން ބޭއްވީ ސިންގަޕޫރުގައެވެ.