މި ހަމަލާތަކަކީ އިޒްރޭލާއި ލުބުނާނުގެ ބޯޑަރު ސަރަހައްދާ ދުރުގައި އޮންނަ، ލުބުނާނުގެ އެތެރެވަރީގެ ސަރަހައްދަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެކެވެ. އިޒްރޭލުގެ އަސްކަރިއްޔާ އޮފީހުން ބުނީ މިއީ އެ ގައުމާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒުތަކަށް ދިން ހަމަލާތަކެއް ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ލުބުނާނުގެ މީޑިއާތަކުން ބުނީ އިޒްރޭލުގެ މަތިންދާބޯޓުތަކުން ބެކާ ވެލީގެ އެކި ސަރަހައްދުތަކަށް ބޮން އަޅާފައިވާ ކަމަށެވެ. މި ހަމަލާތަކުގައި ބައެއް މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މިއީ ފަހަކަށް އައިސް އިޒްރޭލުން ލުބުނާނުގެ އެތެރެއަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ގައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ލުބުނާނުގެ ބޯޑަރު ސަރަހައްދުގައިވެސް ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ. ބެކާ ވެލީއަކީ ހިޒްބުﷲ ޖަމާއަތުގެ ނުފޫޒު އޮންނަ ސަރަހައްދަކަށް ވުމުން، އިޒްރޭލުން ދަނީ އެ ސަރަހައްދަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދުގައި ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.