
ކެލާ ފަޅުގައި ތަރައްގީކުރަން ޕްލޭންކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައި އޮތީ 169.3 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،032،110 ޑޮލަރެވެ. އަނެއް ރިސޯޓަށް 156.2 ހެކްޓަރު ކަނޑައަޅާފައިވާ އިރު، އަގަކަށް ހަމަޖައްސާފައި އޮތީ 1،996،740 ޑޮލަރެވެ.
މި ދެ މަޝްރޫއުއަށް މާޗު މަހު ހުޅުވައިލި އިރު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި މި މަހުގެ 4 އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެ ބީލަން ބާތިލުކުރީ ރިސޯޓް މަދު އަތޮޅުތަކުގައި ރިސޯޓު ތަރައްގިީކުރަން ސަރުކާރުން މިފަހުން ލުއިތަކެއް ދޭން ނިންމުމާ ގުޅިގެންނެވެ. އެ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު ވެސް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ އެ ލުއިތަކާ އެކު އަލުން އިއުލާން ކުރުމަށްޓަކައި 31 މާޗުގައި ހުޅުވި ބީލަން ބާތިލުކޮށްފައިވާ ކަމަށެވެ.
ކެލާގެ ފަޅުތެރޭގައި ރިސޯޓް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް ފެބްރުއަރީ މަސް ތެރޭގައި ކެލައަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.