ads
ތިނަދޫ މޭޔަރު
ތިނަދޫގެ މޭޔަރު ސަސްޕެންޑް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
ތިނަދޫ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

ތިނަދޫ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރީ، ތިނަދޫ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެވެ.

ސަސްޕެންޝަނާ ގުޅިގެން އެ މައްސަލަ ކޯޓަށް ހުށަހެޅީ މިއަދު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ބޭފުޅުންގެ ފަރާތުން އެދިފައި ވަނީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެލްޖީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށެވެ.

ތިނަދޫ ސިޓީ ކައުންސިލްއަށް ތުހުމަތުވާ ސީރިއަސް ކަންތައްތަކެއް ބެލުމަށް ފަހު، އެ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ފާސްކުރީ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް އެލްޖީއޭއަށް ހުށަހެޅުމާ ގުޅިގެން ކައުންސިލްގެ އިންކުއަރީއެއް މިދިޔަ މާޗް މަހު ހެދުމަށްފަހު އެލްޖީއޭ އިން އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވުމަށް ކައުންސިލަށްވެސް ހަތް ދުވަހުގެ ފުރުސަތު ދިނެވެ. ކައުންސިލުން ވަނީ އިންކުއަރީއަށް ޖަވާބުވެސް ދީފަ އެވެ.

އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއް ހިމަނާފަ އެވެ.

މި އިންކުއަރީގައި ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން ނަގަން ނިންމި 5,000 ރުފިޔާގެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެ އެވެ. އަދި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް