
ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މިއަދުވަނީ މަޖިލީހަށް ބަލައިގަނެވެ. މި އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަމުން ވަކިވުމަށްފަހު ވަކި މުއްދަތެއް ވަންދެން ގާނޫނީ ވަކީލުކަން ކުރުން ހަނިކުރަން ހިމަނާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލު ބަލައިގަތީ ޖަލްސާގައި ބައިވެރިވި 70 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ތާއީދާ އެކު އެވެ. މަޖިލީހުގެ ތަޅުމުން އެ ބިލު ބަލައިގަތުމުން، ދިރާސާކުރުމަށް ބިލު ފޮނުވާނީ ޖުޑީޝަރީ ކޮމިޓީއަށެވެ.
އެ ބިލަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ހުރި އުސޫލުތައް އިތުރަށް ތަފްސީލު ކުރުމާއި ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލު ކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް މުރާޖާކުރުމާ ގުޅޭ ކަންކަން ހިމެނޭ ބިލެކެވެ.
އެ ބިލުގައިވާ ގޮތުން ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން އެ ފަނޑިޔާރަކު ފާއިތުވި ތިން އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ އެވެ.
ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބިލަށް ތާއީދުކުރި ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެ ބިލަކީ ކޯޓުތައް ކޮންޓްރޯލްކުރާ ބިލެއް ކަމަށް ބުނެ ފާޑު ވިދާޅުވެފަ އެވެ.