
މެލޭޝިއާގެ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޕްރީ ސްކޫލް އަދި އެހެނިހެން ތައުލީމު އުގަންނައިދޭ ތަންތަނުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ އަގުބޮޑު ބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ދަރިވަރުންގެ އަތުން ހަ ޕަސެންޓުގެ ޓެކްސްއެއް ނަގަން އެ ގައުމުންވަނީ މި ފަހުން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ މެލޭޝިއާގައި ކިޔަވާ ދަރިވަރުންނާއި އެހެން ގައުމުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުން އަންނަ ކަމަށެވެ.
"އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން،" މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައިވެ އެވެ.
މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ. މި ޓެކްސްގެ ސަބަބުން އެ އަމާޒަށް ވާސިލްވާން ދަތިވާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.