
ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދުއެވެ.
އޭނާ ހުށައެޅުއްވި މި މައްސަލަ މަޖިލީހުން ބޭރުކޮށްލީ ވެރިކަން ކުރާ ޕީއެންސީގެ 37 މެމްބަރުންގެ ވޯޓުންނެވދެ. މި މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓް ދެއްވީ 10 މެމްބަރުންނެވެ.
ޝަމްހީދު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާއިފައިވީ ނަމަވެސް، އެގޮތަށް ހިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން އެތަނުގައި ނެތްކަމަށެވެ. އަދި މިހާރު ތިބި މެޑިކަލް އޮފިސަރުންނާކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދު ބައެއްކަމާއި، ގިނަ އިރު މަސައްކަތްކަތްކުރަން ޖެހުމުން، ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލޭކަމަަށްވެސް މި މައްސަލާގައި ވެއެވެ.
މީގެއިތުރުން ކުރިންސުރެ ދެމުންއައި އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމަށް ބޭނުންނުވާކަމާއި އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުންދާކަންވެސް މި މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ.